ޢާއިޝާ ޝުޖޫން މުޙައްމަދު

(04 ސެޕްޓެންބަރު 2019 އިން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)

ޢާއިޝާ ޝުޖޫން މުޙައްމަދު

 

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އުފަންވެ ވަޑައިގެންނެވީ23  ޑިސެންބަރު 1977 ވަނަ ދުވަހު، ކ. މާލެ އަށެވެ. އެކަމަނާ ވަނީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރޯޔަލް އިންސްޓިޓިއުޓްގައި، ޔުނިވަރސިޓީ އޮފް ލަންޑަންގެ އެކްސްޓަރނަލް ޕްރޮގްރާމްގެ ދަށުން ޤާނޫނީ ދާއިރާއިން ބެޗްލަރ އޮފް ލޯސް (އޮނަރސް) ފުރިހަމަ ކުރައްވާ، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިޔާއިން މާސްޓަރ އޮފް ލޯސް ޙާޞިލްކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 04 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ ނަޝީދު އެންޑް ކޯ ލޯ ޕްރެކްޓިސްގެ އެސޯސިއޭޓް ޕާޓްނަރުގެ ގޮތުގައެވެ. އަދި 1997 ވަނަ އަހަރުން ފެށިގެން އެކަމަނާ ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ޖަސްޓިސް އާއި ޖުވެނައިލް ކޯޓުގެ އެގްޒެކެޓިވް އަދި ލީގަލް މަޤާމުތަކުގެ އިތުރުން، ޖެންޑަރ މިނިސްޓްރީގެ ޕްރޮޖެކްޓް މަޤާމުތައް ފުރުއްވާފައެވެ. މީގެ އިތުރުން، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދަކީ ފުޅާ ދާއިރާއެއްގައި މަދަނީ ޖަމިއްޔާތަކާ އެކު، ހިއުމަން ރައިޓްސް އަދި ގުޑް ގަވަރނަންސް ފަދަ ދާއިރާތަކަށް ވަކި ޚާއްޞަކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އިންތިޚާބު ވެވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގައެވެ. އަދި ބާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. މީގެ އިތުރުން އެކަމަނާ ވަނީ ޔުނައިޓެޑް ނޭޝަންސް ސަބްކޮމިޓީ އޮން ދަ ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) ގެ ވައިސް ޗެއާޕާސަން ފޯ ޖުރިސްޕްރުޑެންސް އަދި އެސްޕީޓީ ރެޕަޓުއާގެ މަޤާމު 2011 އިން 2018 އަށް ފުރުއްވާފައެވެ. އެސްޕީޓީއަށް އަލުން އިންތިޚާބު ވެވަޑައިގެން، 2021 ވަނަ އަހަރު ހަތަރު އަހަރުގެ ދައުރެއް ފައްޓަވައި، މިހާރުވެސް އެކަމަނާ ގެންދަވަނީ އެސްޕީޓީގެ ވައިސް ޗެއާޕާސަން ފޯ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްސްގެ މަޤާމު ފުރުއްވަމުންނެވެ.