ސުޕްރީމް ކޯޓަކީ ކޮބާ؟
ސުޕްރީމް ކޯޓަކީ، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ފަރާތެވެ. ކޯޓުތަކުގެ ހައިރާކީގެ އެންމެ މަތީ ކޯޓެވެ. ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
ސުޕްރީމް ކޯޓު އެކުލެވިގެންވަނީ ކިހިނެއް؟
ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޤާނޫނުގައި ކަނޑައަޅާ ޢަދަދެއްގެ ފަނޑިޔާރުންގެ މައްޗަށެވެ. އެ ގޮތުން މި ވަގުތު ސުޕްރީމް ކޯޓުގައި އުއްތަމަ ފަނޑިޔާރާއެކު ޖުމުލަ 07 ފަނޑިޔާރުން މަސައްކަތް ކުރައްވައެވެ.
ސުޕްރީމް ކޯޓުގެ އެންމެ އިސްފަރާތަކީ ކޮބާ؟
ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކި އުއްތަމަ ފަނޑިޔާރެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކުރަނީ ކިހިނެއް؟
• ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
• މިގޮތުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ނުވަތަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު، މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވި މެމްބަރުންގެ އަޣުލަބިއްޔަތުން އެނަމެއް ފާސްވުމުންނެވެ.
ސުޕްރީމް ކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ ވަކި ޝަރުޠުތަކެއްވޭތަ؟
ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރާނީ ފަނޑިޔާރުކަމުގެ މަޤާމަށް ބޭނުންވާ ފެންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ، އަޚުލާޤު ރަނގަޅު އަދި ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލު މީހުންނެވެ. މިފަދަ މީހުން ކަނޑައެޅުމުގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވޭތޯ ބަލާނެއެވެ.
1. ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 7 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
2. އިސްލާމީ ޝަރީޢަތް ނުވަތަ ޤާނޫނީ ދާއިރާއިން ތަޢުލީމް ލިބިފައިވުން.
3. މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
4. ޢުމުރުން 30 އަހަރު ފުރިފައިވުން.
5. އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
6. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.
ސުޕްރީމް ކޯޓުން ބަލާނީ ކޮންކަހަލަ މައްސަލަތަކެއް؟
1. ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެ މައްސަލައެއް ބަލާނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅާފައިވާ މައްސަލަތައް.
2. ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތައް.
3. ހައިކޯޓުން ނިންމާ މައްސަލަތައް.
4. ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަށް އެދި ހުށަހަޅާ މައްސަލަތައް.
ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެ މައްސަލަތަކަކީ ކޮބާ؟
1. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިގެން އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.
2. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނެކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިގެން އެކަމެއް ވަކިގޮތަކަށް ނިންމުމަށްޓަކައި ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތައް.
3. ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު ނުވަތަ ނެރޭ އަމުރަކާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް.
ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެ މައްސަލަތަކުގެ ތެރެއިން، (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތައް ބަލާނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ.
ދުސްތޫރީ މައްސަލަތަކަކީ ކޮބާ؟
ދުސްތޫރީ މައްސަލަތަކަކީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާންޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދުގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކަކީ ކޮބާ؟
އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތަކަކީ، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެވެ.
1. އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން.
2. އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ޤާނޫނުއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން.
3. އެ މައްސަލައަކީ ގައުމުގެ ޢާންމު މަޞްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުން.
އިސްތިއުނާފީ މައްސަލަތަކަކީ ކޮބާ؟
އިސްތިއުނާފީ މައްސަލަތަކަކީ، ހައިކޯޓުން ނިންމާފައިވާ މައްސަލައެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަސްލަހަތު އޮތް ފަރާތުން ހުށަހަޅާ މައްސަލަތަކެވެ.
އިސްތިޝާރީ ލަފައަކަށް އެދި ހުށަހަޅާ މައްސަލަތަކަކީ ކޮބާ؟
އިސްތިޝާރީ ލަފައަކަށް އެދި ހުށަހަޅާ މައްސަލަތަކަކީ، ޤާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ މުހިއްމު ސުވާލުތަކާމެދު ނުވަތަ ޤާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތަކެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް މުއްދަތުތަކެއް ވޭތަ؟
މައްސަލަ ހުށަހެޅުމަށް ވަކި މުއްދަތުތަކެއްވެއެވެ. އެގޮތުން އެކި ބާވަތުގެ މައްސަލަތަކަށް ކަނޑައެޅިފައިވާ މުއްދަތު ތަފާތެވެ.
މަދަނީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟
• ހައިކޯޓުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރަންވާނެއެވެ.
• އެ މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހަވާލުކޮށްފައިނުވާނަމަ، އެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހަވާކުރާ ތާރީޚުން ފެށިގެންނެވެ.
• ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިދާނެއެވެ.
މަދަނީ މައްސަލަތައް އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ގުނާނީ، ހައިކޯޓުން އެ މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމެނޭގޮތަށެވެ.
ޖިނާއީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟
• ހައިކޯޓުން ޙުކުމެއް ކުރާ ތާރީޚުން ފެށިގެން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރަންވާނެއެވެ.
• ޖިނާއީ މައްސަލައަކާ ގުޅިގެން ދަށު ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ނިންމާފައިވާ ނިންމުމަކާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުމެއްނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތަކީ 10 ދުވަހެވެ.
• ޖިނާއީ މައްސަލައަކާ ގުޅިގެން ނެރެފައިވާ އަމުރަކާ ގުޅޭ މައްސަލައެއް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތަކީ 48 ގަޑިއިރުއެވެ.
ޖިނާއީ މައްސަލަތައް އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ގުނާނީ، ހައިކޯޓުން އެ މައްސަލަ ނިންމި ދުވަހާއި އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވާ ދުވަހާއި އެ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން ނެރެފައިވާ އަމުރަކާ ގުޅޭ މައްސަލައެއް ދައުލަތުން އިސްތިއުނާފުކުރުމަށް އޮންނަ 48 ގަޑިއިރު ގުނާއީ އެ މައްސަލަ ނިންމާ ވަގުތުން ފެށިގެން 48 ގަޑިއިރު ހަމަވުމާއި ދެމެދަށް އަންނަ ބަންދު ދުވަސްތައް ނުހިމަނައެވެ.
ޓެކުހާގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟
• ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުމެއްނަމަ، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ ހައިކޯޓުން އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށެވެ.
އިންތިޚާބީ ޝަރުތާގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟
• އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އިންތިޚާބީ ޝަރުޠާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާނީ، އިލެކްޝަންސް ކޮމިޝަނުން އެ އެންގުމެއް އަންގާ ވަގުތުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.
އިންތިޚާބީ ޝަރުޠާ ގުޅިގެން ހުށަހަޅާ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު ގުނާނީ އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމެނޭގޮތަށެވެ.
މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްނަމަ ވާނީ ކިހިނެއް؟
ވަކިކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީކަމުގައި ބެލޭނެއެވެ.
މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު އެ މައްސަލައެއް ބަލައިގަނެވިދާނެތަ؟
މައްސަލަ ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށްފަހުވެސް، އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން މައްސަލަ ހުށަހަޅާ ފަރާތުން ސާބިތުކޮށްދީފިނަމަ، އެ ހުށަހެޅުމެއް ބަލައިގަތުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
މަޤުބޫލު ސަބަބެއް މެދުވެރިވެފައިވީނަމަވެސް މަދަނީ މައްސަލައެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅޭނީ، ހައިކޯޓުން އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނީ ކިހިނެއް؟
• ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނީ، ހުށަހަޅަން ބޭނުންވާ ބާވަތެއްގެ މައްސަލަ ހުށަހެޅުމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.
• ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓުން އަދި ސުޕްރީމް ކޯޓުގެ ވެބް ސައިޓު (www.supremecourt.mv) އިން ލިބެން ހުންނާނެއެވެ.
• ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމު ކޯޓަށް ހާޒިރުވެ ހުށަހެޅިދާނެއެވެ. ނުވަތަ [email protected] އަދި [email protected] މި ދެ އީމެއިލް މެދުވެރިކޮށްވެސް މައްސަލަ ހުށަހެޅިދާނެއެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅޭނީ ކޮން ގަޑިއެއްގަ؟
ޢާންމު އުޞޫލެއްގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަންނާނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި ލިޔެކިޔުންތައް ކޮންމެ ވަގުތެއްގައިވެސް ހުށަހެޅިދާނެއެވެ. ނަމަވެސް، އެ ލިޔުމަކީ އެ ދުވަހު ކޯޓަށް ރަސްމީކޮށް ލިބިފައިވާ ލިޔުމެއް ކަމަށް ބަލައިގެން ފިޔަވަޅު އަޅާނީ ކޮންމެ ދުވަހެއްގެވެސް ރަސްމީ މަސައްކަތު ގަޑީގައި އެ ލިޔުމެއް ކޯޓަށް ލިބިފައިވާނަމައެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަތުމަށް އެއްވެސް ފީއެއް ނަގާނެތަ؟
• ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދޭ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ، ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ކަނޑައަޅާފައިވާ 500ރ (ފަސްސަތޭކަ ރުފިޔާ) ގެ ފީއެއް ދެއްކުމުންނެވެ.
• ބާޠިލުކުރެވިފައިވާ މައްސަލައެއް އަލުން ހުށަހަޅާނަމަ އެ މައްސަލައެއް ކޯޓުގެ ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ 1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ގެ ރަޖިސްޓްރޭޝަން ފީއެއް ދެއްކުމުންނެވެ.
• ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި، ތަދައްޙުލުވާން އެދޭނަމަ ތަދައްޙުލުވެވޭނީ 500ރ (ފަސްސަތޭކަ ރުފިޔާ) ގެ ފީއެއް ދެއްކުމުންނެވެ.
ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ޙުކުމް ކުރާނީ އެ މައްސަލައެއް ހުށަހެޅޭތާ ކިތައް ދުވަހުގެ ތެރޭގައި؟
• ކޯޓަށް ހުށަހެޅޭ ހުރިހާ މައްސަލައެއްވެސް ވީ އެންމެ އަވަސް ފުރުޞަތެއްގައި ބަލާ ޙުކުމް އިއްވުމަށް ކޯޓުން މަސައްކަތް ކުރާނެއެވެ. ނަމަވެސް، މައްސަލައިގެ ބާވަތުން އެ މައްސަލައެއް ބެލުމަށް ނަގާ މުއްދަތު ތަފާތުވާނެއެވެ. އަދި ޤާނޫނެއްގައި އެ މައްސަލައެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާނަމަ، އެ މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުން ނިންމާނެއެވެ.
މައްސަލައިގެ ޙުކުމް ލިބޭނީ ކޮންއިރަކު؟
ކޮންމެ މައްސަލައެއްގައި ޙުކުމް ކުރާ ދުވަހު "ޝަރީޢަތް ނިމުނު ގޮތް" މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ލިބޭނެއެވެ. އަދި ހަމަ އެ ދުވަހު، އެ ނިންމުން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ޝާއިޢުކުރެވޭނެއެވެ.
މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދަން ބޭނުންވެއްޖެ ނަމަ ހަދާނީ ކިހިނެއް؟
މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމުންނެވެ. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރާނީ، އެ ފޯމުގެ އިރުޝާދު ބައިގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ނެގުމަށްފަހު، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ތާރީޚުން ފެށިގެން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.
SC-20 ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް އެދޭ ފޯމު
ކޯޓުގެ ނިންމުމެއްގެ މަޢުލޫމާތު ބޭނުންވެއްޖެ ނަމަ އެ މަޢުލޫމާތު ލިބޭނީ ކިހިނެއް؟
މައްސަލައަކާ ގުޅިގެން ކޯޓުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް ކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާ ނަމަ ކަންތައް ކުރާނީ ކިހިނެއް؟
• ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް ހާޒިރުވެވެން ނެތް މަޤުބޫލު ސަބަބެއް މެދުވެރިވެއްޖެ ނަމަ، އެކަން ކޯޓަށް ހާޒިރުވުމަށް އަންގާ އަމުރުގައި ބަޔާންކޮށްފައިވާ ގަޑީގެ މަދުވެގެން އެއް ގަޑިއިރު ކުރިން ކޯޓަށް ލިޔުމުން އަންގަންވާނެއެވެ.
• ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާ ސަބަބަކީ މަޤުބޫލު ސަބަބެއް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ނަމަ އެ އުޒުރު ކޯޓުން ޤަބޫލުކުރާނެއެވެ.
ކޯޓަށް ހާޒިރުނުވުމަށް މަޤުބޫލު އުޒުރެއް ކަމަށް ބެލެވޭނީ ކޮން ކަންތައްތަކެއް؟
ތިރީގައި ބަޔާންކޮށްފައިވާ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެއީ މަޤުބޫލު ސަބަބެއްކަމުގައި ބެލިދާނެއެވެ.
1. ހާޒިރުވާންޖެހޭ މީހާ ކޯޓަށް ހާޒިރުނުވެވޭފަދަ ބައްޔެއްވުން.
2. ހާޒިރުވާންޖެހޭ މީހާ، އެމީހެއްގެ ގާތުގައި ނުހުރެ ނުވާފަދަ މީހަކު ބައްޔެއްވުން.
3. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރުމާއި، އެއްގަމުދަތުރު ކުރެވޭގޮތް ނުވުން.
މެޑިކަލް ފޯމު ހުށަހަޅަން ޖެހޭނީ ކޮންއިރަކު؟
ކޯޓަށް ހާޒިރުވުމުގެ އަމުރަށް ހާޒިރު ނުވެވެން ދިމާވި ސަބަބަކީ ކޯޓަށް ހާޒިރުވާންޖެހޭ މީހާ ބަލިވުން ނުވަތަ ހާޒިރުވާންޖެހޭ މީހާ އެ މީހެއްގެ ގާތުގައި ނުހުރެނުވާ ފަދަ މީހަކު ބައްޔެއްވުމުގެ ސަބަބުން ކަމުގައިވާ ނަމަ، މެޑިކަލް ފޯމު ފުރިހަމަ ކުރުމަށްފަހު ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ. މެޑިކަލް ފޯމު ހުށަހަޅާއިރު، ފޯމުގައި، ފަރުވާދިން ފަރާތުގެ އިތުރުން ފަރުވާދިން މަރުކަޒުގެ ތައްގަނޑު އޮންނަންވާނެއެވެ.
SC-19 ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމު (Medical Form)
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ކުއްލިކަމެއް ދިމާވެގެން ރަށުން ބޭރަށް ފުރަންޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް؟
• ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، މައްސަލައިގައި ހިމެނޭ ފަރާތެއް ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމުން ހުށަހަޅަންވާނެއެވެ.
• ރަށުން ބޭރަށް ފުރައިގެން ދާންވާނީ ސުޕްރީމް ކޯޓުން ރަށުން ބޭރަށް ދިޔުމުގެ ހުއްދަ ދިނުމުންނެވެ.
SC-18 މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމު
ކޯޓަށް ހުށަހެޅި ކުރިއަށްދާ ޝަރީޢަތަކާ ބެހޭ މަޢުލޫމާތު ހާމަކުރުމުގައި މީޑިއާއިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟
• ހިނގަމުންދާ ޝަރީޢަތަކާ ބެހޭގޮތުން މީޑިއާއިން މަޢުލޫމާތު ޢާއްމުކުރަންވާނީ ތެދުވެރިކަމާއި އިންސާފުވެރިކަމާއެކުގައެވެ.
• އެހެންނަމަވެސް އަންނަނިވި ޙާލަތްތަކުގައި އެ މަޢުލޫމާތެއް ޢާންމުކުރުމަކީ މަނާކަމެކެވެ. އެއީ؛
(1) ޢާންމުކުރާ މަޢުލޫމާތަކީ ޢަމަލުކުރެވެމުންދާ އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން މަނާކުރާކަމަކަށްވުން.
(2) ކޯޓަށް ލިބިފައިވާ ބާރުގެ ދަށުން މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، ޝަރީޢަތަކާބެހޭ އެއްވެސް މަޢުލޫމާތެއް ޢާންމުކުރުން ކޯޓުން މަނާކޮށްފައިވުން.
(3) ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކީ މަސްލަޙަތަށްޓަކައި އާންމުކޮށް ހުޅުވާލެވިފައިނުވާ ޝަރީޢަތަކަށްވުން.
(4) ޤައުމީ ސަލާމަތާ ގުޅުންހުރި ސިއްރު މަޢުލޫމާތަކާ ބެހޭގޮތުން ހިންގޭ ޝަރީޢަތަކަށްވުން.
(5) ޝަރީޢަތުން ވަކި ސަބަބަކާހުރެ މައްސަލައަކާ ގުޅޭގޮތުން ކަމެއް ޢާންމުކުރުން މަނާކަން އަންގާފައިވުން.
(6) ޝަރީޢަތުގެ ފޮޓޯ އާއި ވީޑިއޯގެ އަސްލު ގެއްލޭގޮތަށް ބޭނުންކުރުން.
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތެއް އަޑުއަހަން ޢާންމުންގެ މީހަކަށް ވަދެވިދާނެތަ؟
• ހުޅުވާލެވިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއް އަޑުއެހުމަށް ހާޒިރުވާ ހުރިހާ ފަރާތްތަކަށްވެސް ޝަރީޢަތުގެ މާލަމުގައި ޖާގަ އޮތް މިންވަރަށް ބަލައި، ހާޒިރުވި ތަރުތީބުން ފުރުޞަތު ދެވޭނެއެވެ. ޝަރީޢަތުގެ މަޖިލީހަށް ވައްދާނީ، އެ މީހަކީ ކާކުކަން ފޮޓޯޖެހި ރަސްމީ ލިޔުމަކުން ކަށަވަރުކޮށް، ޝަރީޢަތަށް ހާޒިރުވާ މީހުންގެ ދަފްތަރުގައި ނަން ނޯޓުކުރުމަށް ފަހުގައެވެ.
• މީގެ އިތުރުން ހުޅުވާލެވިގެން ހިންގާ ޝަރީޢަތްތައް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ލައިވް ކުރެވޭނެއެވެ.
ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ވަންނަ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟
ޝަރީޢަތުގެ މަޖިލީސް އަޑުއަހަން ހާޒިރުވާ އެންމެހައި ފަރާތްތައް ކޯޓުގެ ޙުރުމަތާ އެކަށީގެންވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި ކޯޓަށް ހާޒިރުވުމަށް އެކަށީގެންވާ ހެދުމެއް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވާފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ މަނާކަމެކެވެ.
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމަށް އެކަށީގެންވާ ހެދުމަކީ ކޮބާ؟
ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުން ކޯޓަށް ހާޒިރުވާ ޤާނޫނީ ވަކީލުންނަށް ޝަރީޢަތުގެ މަޖިލީހަށް ވަދެވޭނީ ކޯޓުފަޓޫލޫނުގައެވެ.
ޤާނޫނީ ވަކީލުން ފިޔަވައި، ކޯޓަށް ހާޒިރުވާ ފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް ވައްދާނީ ކޯޓުގެ ޙުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރިނަމައެވެ. އަންނަނިވި ބާވަތުގެ ހެދުމާއި ގަހަނާ އަޅައިގެން ކޯޓަށް ހާޒިރުވުމަކީ މަނާކަމެކެވެ. އެއީ؛
(1) ކަކޫ ނިވާނުވާފަދަ ހެދުން.
(2) ގިރުވާން ނުހުންނަ ޓީޝާޓް، ޓްރެކްސޫޓް.
(3) އެކަށީގެންނުވާފަދަ ޢިބާރާތް ލިޔެފައި ހުންނަ ހެދުމާއި އިސްލާމްދީނާއި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ޝިޢާރުތައް ރަމްޒުކޮށްދޭފަދަ ހެދުމާއި، ސިޔާސީ ލިޔުމެއް ނުވަތަ ކުރެހުމެއް ހުރި ހެދުމާއި، އެފަދަ ގަހަނާތައް.
ކޯޓަށް ހާޒިރުވެ ހުރި އަންހެނަކީ، މޫނު ނިވާކޮށްގެން ހުރި މީހެއްނަމަ، ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ ކުރިން އެއީ ކާކުކަން ކޯޓުގެ އަންހެން މުވައްޒަފަކު ކަށަވަރުކުރާނެއެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އެކި ޔުނިފޯމުގައި ތިބެންޖެހޭ ފަރާތްތައް ހާޒިރުވާނީ އެ މީހަކު މަޤާމުގެ ހައިސިއްޔަތުން ލާންޖެހޭ ޔުނިފޯމެއްގައެވެ.
ކޯޓަށް ހާޒިރުވުމަށް އެކަށީގެންނުވާ ހެދުމެއްގައި އަންނަ މީހަކު ކޯޓަށް ވަނުން މަނާކުރެވޭނެއެވެ.
ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފު ޢަމަލުތަކަކީ ކޮބާ؟
އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމަކާމެދު ބުނާ ބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ފެންނަގޮތަށް ކުރާ ޙަރާކާތަކުން ނުވަތަ އެނޫންވެސް ގޮތަކުން ކޯޓުތެރޭގައި ނުވަތަ ކޯޓުން ބޭރުގައިވިޔަސް ކޯޓަށް ރައްދުވާގޮތަށް ކަމެއް ކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމެވެ.
1) ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް ހުރަސް އެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން.
2) ހިނގަމުންދާ ޝަރީޢަތެއްގައި ނުވަތަ މައްސަލައެއްގައި ފަނޑިޔާރަކު އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ކުރުން.
3) ޝަރީޢަތަށް ޙާޟިރުވެ ޝަރީޢަތެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ޝަރީޢަތަށް ބޭނުންވާ މަޢުލޫމާތެއް ދިނުމަށް އިންކާރުކުރުން.
4) ޢަދުލު އިންޞާފު ޤާއިމުކުރުމަށް ދަތިކުރުން، ނުވަތަ ދަތިކުރަން މަސައްކަތްކުރުން.
5) ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން.
6) ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ ހިންގުމާބެހޭ މުވައްޒަފަކަށް އިހާނަތްތެރިވާފަދަ ބަހެއްބުނުން ނުވަތަ ޢަމަލެއްކުރުން.
7) ކޯޓުތެރޭގައި ނޭދެވޭ ހަޑިހުތުރު ބަސް ބޭނުންކުރުމާއި، އަދަބާއި ޚިލާފު ޢަމަލުކުރުމާއި، ކޯޓުގެ ޙުރުމަތާ އެކަށީގެން ނުވާ ފަދަ ހެދުން އަޅައިގެން ކޯޓަށް ޙާޟިރުވުން.
8) ފަނޑިޔާރެއްގެ ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން.
9) ކޯޓަށް ހާޒިރުވެ ހުރި އެއްވެސް މީހެއްގެ ގަޔަށް އެމީހެއްގެ ނުރުހުމުގައި އަތްލުން ނުވަތަ އެމީހެއްގެ މުދަލަކަށް ގެއްލުން ދިނުން.
10) ކޯޓުގެ މުދަލަކަށް ގެއްލުމެއް ދިނުން.
11) ކޯޓުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރެކޯޑްކުރެވޭ، ނުވަތަ ފޮޓޯނެގޭ އެއްވެސް ވަޞީލަތެއް ޝަރީޢަތުގެ މަޖިލިހަށް ވެއްދުން.
ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފުވުމުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާ؟
ޝަރީޢަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފު ޢަމަލެއްކޮށް ޝަރީޢަތުގެ ނިޒާމާ ޚިލާފުވެއްޖެނަމަ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގެ ދަށުން ވަގުތުން އަންނަނިވި އަދަބު ކަނޑައެޅުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
1. -/10,000ރ. (ދިހަހާސް ރުފިޔާ) އަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުން.
2. 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 1 (އެކެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން.
ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ މަޢުލޫމާތު އެންމެންނަށް ވެސް ލިބޭނެތަ؟
ޢާންމު ގޮތެއްގައި ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމެއް ވެސް ސުޕްރީމް ކޯޓުގެ ވެބް ސައިޓު www.supremecourt.mv އިން ލިބެން ހުންނާނެއެވެ. އަދި ނިންމުންތައް ސުޕްރީމް ކޯޓުގެ އެކްސް އެކައުންޓުން ޕޯސްޓް ވެސް ކުރާނެއެވެ.
ވަގުތުން ޢާންމު ނުކުރާ ސުޕްރީމް ކޯޓުގެ ނިންމުންތަކެއް ހުރެދާނެތަ؟
ވަކި މީހަކު ހައްޔަރު ކުރުމަށް ނުވަތަ ވަކި ތަނެއް ބަލާފާސްކުރުމަށް ނެރެފައިވާ އަމުރަކާ ގުޅިގެން ނިންމާ ނިންމުމެއް، ނުވަތަ ވަގުތުން ޢާންމު ކޮށްފިނަމަ، އިންޞާފަށް ހުރަސްއެޅިދާނެ ނިންމުމެއް ވަގުތުން ޢާންމު ނުކުރުން އެކަށީގެންވެއެވެ.