މަޙާޒު ޢަލީ ޒާހިރު

(04 ނޮވެންބަރު 2019 އިންފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)

މަޙާޒު ޢަލީ ޒާހިރު

މަޙާޒު ޢަލީ ޒާހިރު އުފަންވެ ވަޑައިގެންނެވީ 31 އޯގަސްޓް 1984 ގައި ގދ.މަޑަވެއްޔަށެވެ. އަދި އެމަނިކުފާނަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ 2007 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ) އިން ބެޗްލަރ އޮފް ލޯސް ޑިގްރީ ހާސިލު ކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ 2010 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރެޓިވް ލޯސް ޑިގްރީ ޙާޞިލު ކުރައްވާފައެވެ. މަޙާޒު އަލީ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވުނީ 04 ނޮވެންބަރު 2019 ގައެވެ.
މަޙާޒު ޢަލީ ޒާހިރަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގަތީ 17 ޖުލައި 2007 ގައެވެ. ޤާނޫނީ ދާއިރާގައި އަދާކުރެއްވި ވަޒީފާތަކަށް ބަލާއިރު، 17 ފެބުރުވަރީ 2008 އިން 07 ސެޕްޓެންބަރު 2008 ގެ ނިޔަލަށް ބަންޑާރަނައިބު އޮފީހުގެ ޖިނާއީ މައްސަލަތަކާ ބެހޭ ސެކްޝަނުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ ވަޒީފާ އަދާކުރެއްވިއެވެ. އެއަށްފަހު،  2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގާއިމުވެ، ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުން އައި ޖިނާއީ މައްސަލަތަކާބެހޭ މަސައްކަތްތައް، އެ އޮފީހަށް ބަދަލު ވުމާއެކު، އެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމަށް ބަދަލުވެ ވަޑައިގެންނެވިއެވެ. މި ވަޒީފާގައި އުޅުއްވިއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައިވެއެވެ. އަދި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރެއްވުމުގެ އިތުރަށް އެ އޮފީހާ ގުޅުން ހުރި މުހިންމު ގާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތްތައް ކުރައްވާފައި ވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަޒީފާ އަދާކުރެއްވުމުގެ ތެރޭގައި، 2011 ޑިސެންބަރު 31 ވަނަ ދުވަހު، ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ތަޞްދީޤު ކުރެއްވުމާ ގުޅިގެން، އުފެދުނު ޑްރަގް ކޯޓަށް އަލަށް ޢައްޔަން ކުރެވުނު 05 ފަނޑިޔާރުންގެ ތެރޭގައި މަޙާޒު ޢަލީ ޒާހިރު ހިމެނިވަޑައިގެންނެވިއެވެ. އަދި އެ ކޯޓު އެންމެ ފުރަތަމަ ހިންގުމާ ހަވާލުވެ ހުންނެވި ޤާޟީއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އެ ކޯޓުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، މި ނޫންވެސް ކޯޓުގެ މަސައްކަތްތައް ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އިސްދައުރެއް އެމަނިކުފާނު އަދާ ކުރައްވާފައިވެއެވެ.


މަޙާޒު ޢަލީ ޒާހިރު  ބައިވެރިވެ ވަޑައިގެންނެވި މުހިންމު ފަންނީ ބައެއް މަސައްކަތްތައް
- 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ޤާނޫނުއަސާސީ ތަސްދީޤު ކުރެއްވުމަށްޓަކައި ބޭނުންފުޅުވާ ތަސްދީޤު ލަފާ ތައްޔާރު ކުރުމަށްޓަކައި، ބަންޑާރަ ނައިބު އެކުލަވާލި ޤާނޫނީ ޓީމުގައި ޤާނޫނުއަސާސީ ދިރާސާކޮށް، ތަސްދީޤު ލަފާ ތައްޔާރު ކުރުމުގެ މަސައްކަތް.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008 ތަސްދީޤު ކުރުމާ ގުޅިގެން ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރުގެ ދަށުން، އެއިރު ރާއްޖޭގައި ޢަމަލުކުރަމުންދިޔަ ޤާނޫނުތަކުގެ ތެރެއިން ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނުތަކަކީ ކޮބައިކަން ދެނެގަނެ، އެ މާއްދާގެ ދަށުން ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ހުށަހެޅުން ތައްޔާރު ކުރުމަށްޓަކައި، ޤާނޫނުއަސާސީ ތަޞްދީޤުކުރުމާ ހަމައަށް ރާއްޖޭގައި ޢަމަލު ކުރަމުންދިޔަ އެންމެހައި ޤާނޫނުތައް ދިރާސާ ކުރުމަށް ބަންޑާރަ ނައިބު އެކުލަވާލި ޤާނޫނީ ޓީމުގައި މަސައްކަތްކުރުން.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ޕްރޮސިކިއުޝަން ގައިޑްލައިން ޑްރާފްޓް ކުރުން.
- 2011 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މަސްތުވާތަކެއްޗާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް، އަލުން އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރު ކޮށްދިނުން.
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން އުފެދުނު ޑްރަގް ކޯޓުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ، ޤަވާޢިދުތަކާއި، އުސޫލުތައް ޑްރާފްޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުން.
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝާއިޢު ކުރައްވާފައިވާ "ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު" ޑްރާފްޓް ކުރުމުގެ މަސައްކަތް


މަޙާޒު ޢަލީ ޒާހިރު ޝާއިޢު ކުރައްވާފައިވާ ޢިލްމީ ލިޔުންތައް
- ޤާނޫނުއަސާސީގެ 271 ވަނަ މާއްދާ: ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދާއި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 01، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2013
- އަސާސީ ޙައްޤުތަކާއި މިނިވަންކަން ގައިދުކުރާ ނިޒާމުތަކާއި، އަސާސީ ޙައްޤުތަކުގެ ބާރުވެރިކަމުގެ ކުރު ޝަރަޙައެއް، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 02، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2013
- ޖުޑީޝަލް ކައުންސިލް އުވާލުން، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 03، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2013


މަޙާޒު ޢަލީ ޒާހިރު ލިޔުއްވާފައިވާ ފޮތްތައް
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ އަލީގައި މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭ 106 ސުވާލާއި، ޖަވާބު، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2014
- ޤާނޫނު ނަންބަރު 2011/17 މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މަގެއް، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2015
- މަސްތުވާތަކެއްޗަށް ދެވިހިފުން: ސައިންސްގެ އަލީގައި، ޖާރނީ، 2016
- ކީރިތި ޤުރުއާން ހިތުން ދަސްކުރާނެ ގޮތުގެ 10 ފިޔަވަޅު، ކީރިތި ޤުރުއާނާބެހޭ ބަރުކަޒު، 2016
- ހެކިންގެ ހެކިބަސް- އުސޫލުތަކާއި، ދިވެހިރާއްޖޭގެ ޤަޟިއްޔާތައް، މޯލްޑިވްސް ލޯ އިނިސްޓިޓިއުޓް، 2018