ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު 8:00 ގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވައިފި

07 ޖޫން 2009   ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު 8:00 ގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު 8:00 ގައި އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ލަންޑަނުގެ ރިޕާ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރުން 2009 ޖޫން 08 އިން 2009 ޖޫން 12 އަށް ހިންގުމަށް ހަމަޖެހިފައިވާ ކޭސް މެނޭޖްމަންޓް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމެވެ. މިޕްރޮގްރާމަކީ ކޭސް މެނޭޖްމަންޓްގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމާއި، އަދި ފަހުގެ ކޭސް މެނޭޖްމަންޓް ޓެކްނީކްތައް ބޭނުންކޮށްގެން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަލުވިކުރެވޭނެ ގޮތްތައް ދެނެގަތުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މަދު ވަސީލަތްތައް ބޭނުންކޮށްގެން އެންމެ އެކަށީގެންވާ ގޮތެއްގައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގިނަގުނަ ގޮތްތަކާމެދުވެސް މި ޕްރޮގްރާމްގައި އަލި އަޅުވާލުމަށްވަނީ ހަމަޖެހިފައެވެ.
ހަމަ މިމަރުކަޒުން ހިންގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާބެހޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސުޕްރީމް ކޯޓުގެ ސީނިއަރ ރަޖިސްޓްރާރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާވެސް ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު ވަނީ ފުރާވަޑައިގެންފައެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމްގައި އަލިއަޅުވާލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެންމެފަހުގެ ޖިނާއީ އަދި މަދަނީ އިޖުރާއާތުތައް ހަމަޖެހިފައިވާ ގޮތާއި އެދާއިރާތަކަށް އަންނަ ބަދަލުތަކާއި، ކޯޓު ހިންގުމުގައި ބޭނުންކުރެވިދާނެ ތަފާތު ވަސީލަތްތަކާއި ކޯޓުގެ ހިންގުން ހަރުދަނާކުރެވިދާނެ ގޮތްތައް ހިމެނެއެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމުގެ އިތުރުން، ކޭސް މެނޭޖްމަންޓް ޕްރޮގްރާމުގައިވެސް ސުޕްރީމް ކޯޓުގެ ސީނިއަރ ރަޖިސްޓްރާ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ޕްރޮގްރާމްތަކަކީ ކޮމަންވެލްތުގެ ދީލަތި އެހީގައި ސުޕްރީމް ކޯޓުން ބައިވެރިވާ ޕްރޮގްރާމްތަކެކެވެ.