ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސިންގް މެދުވެރިކޮށް ގެންދިއުމަށް 3 އަހަރު ފުރުން

06 ޖުލައި 2023   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސިންގް މެދުވެރިކޮށް ގެންދިއުމަށް 3 އަހަރު ފުރުން

ކޯވިޑް-19 ޕެންޑަމިކްއާ ގުޅިގެން އިޢުލާނުކުރެވުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކުރުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް 2020 މޭ 19 ގައި ޢާންމުކުރެވުނެވެ. މި ގަވާއިދުގެ ދަށުން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން ފަށާފައިވަނީ 2020 ޖޫން 01 ގައެވެ. އަދި، ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް 2020 ޖޫން 02 ގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ލައިވްކޮށް ކުރިއަށް ގެންދެވުނެވެ.

ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ މަޤުޞަދުގައި ފެށިގެންދިޔަ މި މަސައްކަތް ވެގެންދިޔައީ ސުޕްރީމް ކޯޓަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމަކަށެވެ. ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދަން ފެށުމުގެ ސަބަބުން 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރުކަމަށް ވެގެންދިޔައެވެ. 2020 ވަނަ އަހަރު ހަމަޖެހުނު މި އިންތިޒާމް މިއަދާހަމައަށް ވެސް ދަނީ ބޭނުންކުރެވެމުންނެވެ. އަދި މީގެއިތުރުން، 2020 ނޮވެންބަރު އިން ފެށިގެން، ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ގެންދެވޭ ޝަރީޢަތްތައްވެސް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން  ލައިވްކުރެވޭ އިންތިޒާމް ހަމަޖެހިގެންދިޔައެވެ.

ވޭތުވެދިޔަ 3 އަހަރުގައި މި ނިޒާމްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ދުރުން ޝަރީޢަތްތައް ކުރިއަށް ގެންދަން ފެށިގެންދިޔަ ދިއުމަކީ ހާމަކަން ބޮޑު ގޮތެއްގައި ޝަރީޢަތްތައް ހިންގުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބިގެންދިޔަ މުޙިންމު ކުރިއެރުމެކެވެ. އަދި މުސްތަޤްބަލުގައި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ކުރިއަށްގެންދިއުމާއި، ކޯޓުގެ އެހެނިހެން މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި އީޖާދީ އައު ގޮތްތަކެއް ހޯދުމަށް ކޯޓުގެ ފަރާތުން އަބަދުވެސް މަސައްކަތްކުރަމުންދާނެއެވެ.