ސުޕްރީމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި

06 ޖުލައި 2023   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފި

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީހުގައި އަނގަބުން ދެކެވޭ ވާހަކަތަކަކީ ރެކޯޑްކުރެވި ބެލެހެއްޓެމުންދާ ރެކޯޑްތަކެއްކަމަށްވެފައި، ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި، އަދި މައްސަލައިގެ ހަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކުރަންވަނީ ފެށިފައެވެ. އަދި 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީޢަތްތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެވި، އެ އަޑުއެހުންތަކުގެ ރެކޯޑިންގދަނީ ޔޫޓިއުބް ޗެނައިލްގައި އާކައިވްކުރެވެމުންނެވެ.

މިގޮތުން، ސުޕްރީމް ކޯޓުން 2008 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވިފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބް ޗެނައިލްގައި އާއްމުކޮށް ފެންނާނޭހެން އާކައިވްކުރުމަށް ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 2008، 2009 އަދި 2010 ވަނަ އަހަރު ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރުވަނީ ޔޫޓިއުބް ޗެނަލްފައި އާއްމުކުރެވިފައެވެ. އަދި، 2011 އިން ފެށިގެން 2020 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައިގެން ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އާއްމުކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.