ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފި

19 ޖޫން 2023   ޢާއްމު , ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިފި

 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި، އެމެރިކާގެ ސުޕްރީމް ކޯޓަށާއި، އޫޓާ ސްޓޭޓް ކޯޓު އަދި ޔޫއެސް ޑިސްޓްރިކްޓް ކޯޓުތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޒިޔާރަތްކުރައްވައި އެ ކޯޓުތަކުގެ މަސައްކަތުގެ ނިޒާމު ހަމަޖެހިފައިވާ ގޮތް ބައްލަވައި، އެ ކޯޓުތަކުގެ ފަނޑިޔާރުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޔޫސް ސްޓޭޓް އެޓަރނީސް އޮފީހަށް ޒިޔާރަތްކުރައްވައި އެތަނުގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ޕްލީ ބާގެއިނިން، ވިކްޓިމް ސެންޓަރޑް އެޕްރޯޗް، އެޑްވޮކަސީ އަދި ޕޯސް ކޮންވިކްޝަންއާ ގުޅޭ މަޝްވަރާތައް ވަނީ ކުރެވިފައެވެ. މީގެއިތުރުން، އޮފީސް އޮފް އޯވަރސީސް ޕްރޮސިކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ (OPDAT) އަދި ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި އެޑްމިނިސްޓްރޭޓިވް އޮފީސް އޮފް ޔޫއެސް ކޯޓުސް އަދި ފެޑެރަކް ޖުޑީޝަލް ސެންޓަރ އިންޓަރނޭޝަނަލް އޮފީހަށްވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ކޭސް މެނޭޖްމަންޓް ސިސްޓަމްއާއި ޖުޑީޝަލް ސެކިއުރިޓީ އަދި ޖުޑީޝަލް އެކްސްޗޭންޖް ފުރުޞަތުތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރެވިފައެވެ.

2023 ޖޫން 11 އިން 17 އަށް ކުރެއްވި މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމްތައް ހަމަޖައްސަވާފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަރާތުންނެވެ.