ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓަށް ޢައްޔަނުކުރެވުނު ފަނޑިޔާރުން ހުވާކުރައްވައިފި

25 ޖަނަވަރީ 2018   ޚަބަރުތައް  

ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓަށް ޢައްޔަނުކުރެވުނު ފަނޑިޔާރުން ހުވާކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 25 ޖަނަވަރީ 2018 ވަނަ ދުވަހުގެ ރޭ ބޭއްވުނު ރަސްމިއްޔާތުގައި ހައިކޯޓު އަދި ކްރިމިނަލް ކޯޓަށް އަލަށް ޢައްޔަނުކުރެވުނު ފަނޑިޔާރުން މަޤާމުގެ ހުވާ ކުރައްވައިފި އެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާކުރެއްވީ ހދ.ވައިކަރަދޫ/ ގްރީންވިލާ، އަލްއުސްތާޛް މުޙައްމަދު ނިޔާޒް އެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމުގެ ހުވާކުރެއްވީ ސ.ހިތަދޫ/ ބާޒީގެ، އަލްއުސްތާޛް ޙުސައިން ޝަހީދު އާއި ސ.ހިތަދޫ/ އޯޝަންލީޑް، ޢަލްއުސްތާޛް އަޙްމަދު ހައިލަމް އެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި އަލަށް ޢައްޔަނު ކުރެވުނު ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ އެވެ. އަދި މަޤާމުގެ ފަތްކޮޅު އަލަށް ހުވާކުރެއްވެވި ފަނޑިޔާރުންނަށް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އެވެ.
އަދި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެރިންނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.