ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މރ. ޝަމްސުއްދީން މަކަން ބައްދަލުކުރައްވައިފި

05 އޮގަސްޓް 2009   ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މރ. ޝަމްސުއްދީން މަކަން ބައްދަލުކުރައްވައިފި

އެޓަރނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކެޕޭސިޓީ އެސެސްމަންޓް ހެދުމަށްޓަކައި ރާއްޖެ ވަޑައިގެން އުޅުއްވާ ކޮންސަލްޓަންޓެއްކަމަށްވާ މރ ޝަމްސުއްދީން މަކަން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިހާރު ރައްޖޭގެ ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރާއްޖޭގެ ޝަރުޢީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އިސްލާޙުކުރަންޖެހޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން މިހާރު ޝަރުޢީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ރޭވިފައިވާ މަޝްރޫޢުތަކާއި، ކުރަމުންދާ މަސައްކަތްތަކާބެހޭ ގޮތުންވެސް ވާހަކަދެކެވުނެވެ.
މރ. ޝަމްސުއްދީން މަކަންއަކީ އިނގިރޭސި ވިލާތުގައި ބެރިސްޓަރއެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން އަންނަ، ޤާނޫނީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން މރ. ޝަމްސުއްދީން މަކަންވަނީ ބައިނަލް އަޤްވާމީ ފެންވަރެއްގައިވެސް އެކި ޤާނޫނީ ނިޒާމުތައް ތަރައްޤީކުރުމަށްޓަކައި އަމާޒުކޮށްގެން ހިންގާފައިވާ ގިނަ މަޝްރޫޢުތަކުގައިވެސް މަސައްކަތްކުރައްވާފައެވެ.