ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓު ރަސްމީގޮތުން އިފްތިތާޙު ކޮށްފި

16 އެޕްރީލް 2009   ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓު ރަސްމީގޮތުން އިފްތިތާޙު ކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓު ރަސްމީގޮތުން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު މިއަދު 10.00 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނުއެވެ. ވެބްސައިޓު ރަސްމީގޮތުން އިފްތިތާޙު ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އެވެ. މިރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރާއި، މާލޭ ކޯޓުތަކުގެ އިސްޤާޟީންނާއި، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާއި، ސުޕްރީމް ކޯޓުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ވެބްސައިޓް ރަސްމީކޮށް ލޯންޗް ކޮށްދެއްވުމަށްފަހު އުއްތަމަފަނޑިޔާރު ކޯޓުގައި ވެބްސައިޓެއް ހުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވިއެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅަށް ފަހުގައި މިވެބްސައިޓާއިބެހޭ ކުރު ތަޢާރަފެއްވެސް މިރަސްމިއްޔާތުގައި ދެވުނެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ޝަރުޢީ ނިޒާމަށާއި ކޯޓުތަކުގެ އިޖްރާއާތުތަކަށް އެންމެ ހަލުވި ކުރިއެރުމެއް ގެނެސްދޭ އެއްވަސީލަތަކީ މަޢުލޫމާތާއި ކޮމިއުނިކޭޝަން ޓެކްނޮލޮޖީކަމަށެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ އިލެކްޓްރޯނިކް ފައިލިން ސިސްޓަމް ގެ ޒަރީއާއިން މައްސަލަތައް ހުށަހެޅުމާއި ލިޔުންތައް ހުށަހެޅުން ބޭރުގެ ބައެއް ޤައުމުތަކުގައި މިހާރުވެސް ތަޢާރަފްކުރެވިފައިވާ ކަމަށެވެ. އަދި މީގެއިތުރުން ވެބްސައިޓަކީ މަޢުލޫމާތު ޙިއްސާކުރުމުގެ އެއްމަގު ނަމަވެސް، މިކަމަކީ ވަރަށް މުހިންމު ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ފުރިހަމަ ސައްޙަ މަޢުލޫމާތު ހިމެނުމާއި މަޢުލޫމަތުތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރަމުން ދިއުމާއި، މީހުންގެ އަމިއްލަ ސިއްރު މަޢުލޫމާތު ޕަބްލިކް ރިކޯޑުގެ ގޮތުގައި އިންޓަރނެޓް ގައި ޢާންމުވެ ފެތުރިޔަނުދިނުމަށް ސަމާލުކަންދެއްވުމަށާއި، މި ދާއިރާގެ ކަމާބެހޭ މުވައްޒަފުން ފަސްނުޖެހި ކުރިއަށް ދިއުމަށް އެމަނިކުފާނު ހިތްވަރު ދެއްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޚިދުމަތް ހޯއްދަވާ އެންމެހާ ދިވެހި ރައްޔިތުންނަށް މި ސައިޓްގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
މިއަދު މިތަޢާރަފް ކުރެވުނު ވެބްސައިޓުގެ އެޑުރެހަކީ www.supremecourt.gov.mv އެވެ.