2020 ޑިސެންބަރު 01 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް ދިޔުން

30 ނޮވެންބަރު 2020   ޢާއްމު , ޚަބަރުތައް  

2020 ޑިސެންބަރު 01 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ރިސެސްއަށް ދިޔުން

2020 ޑިސެންބަރު 01 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 03 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރަކުވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި މެދުކެނޑުމެއްނެތި ހިނގުމަށްފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެންބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުއެވެ. އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.

އެހެންނަމަވެސް، ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ރިސެސްގެ މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.