ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއަށް ފޮނުވާފައިވާ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އަށް ޙާޟިރުވުމަށް އުޛުރުވެރިވެ ވަޑައިގަންނަވައިފި

13 ނޮވެންބަރު 2019   ޢާއްމު , ޚަބަރުތައް  

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲއަށް ފޮނުވާފައިވާ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އަށް ޙާޟިރުވުމަށް އުޛުރުވެރިވެ ވަޑައިގަންނަވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ނިންމާފައިވާ ސުލޫކީ މައްސަލައިގައި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ ފަރާތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި ޏ. ފުވައްމުލައް، ދޫޑިގަން. އީސްޓްލައިޓް، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ހަމަޖެއްސެވިކަމުގައި ވީ ނަމަވެސް، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފުލް ބެންޗުން ބަލަންޖެހޭ މައްސަލައެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްސަލަ ބައްލަވާ ކޮމިޓީއިން ނިންމަވައި އެ މައްސަލައިގައި ވަކީލެއްގެ ގޮތުގައި ހަމަޖެއްސި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޤަބޫލުނުކުރެވޭނެކަމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީއިންނާއި ޤާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އިޚްތިޞާޞްގެ ތެރެއަށްވަދެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އިޚްތިޞާޞްގެ ބޭރުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ފަނޑިޔާރުންނަށް ލިބިދީފައިވާ މުސްތަޤިއްލުކަމުގެ މަބްދައާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ޣައިރު ދުސްތޫރީ ޢަމަލެއްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގެން އޮތުމުގެ އިތުރުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިން ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދާ ލިބިގަތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީއިން ލިބިދީފައިވާ އަސާސީ ޙައްޤެއްކަން އެނގެން އޮތްއިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވުމުން، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޤަބޫލުނުކުރުމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ މި ދެންނެވި މާއްދާތަކާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ސާފުކަން ބޮޑުގޮތެއްގައި އެނގޭތީ ކޮމިޓީގެ އެ ނިންމުމަކީ ޤާނޫނީ އެއްވެސް އަސާސެއްނެތި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤުން ޤަޞްދުގައި މަޙްރޫމްކުރުމަށް ނިންމާފައިވާ ތަޢައްޞުފީ ނިންމުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތުމުގެ އިތުރުން،
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ގޮތުގައި އެ ކޮމިޝަނުގެ ނޯޓިސްގައިވާ 15 ކަންތަކަށް ބަލާއިރު، އެ ހުރިހާ ކަންތައްތަކެއްވެސް ނިސްބަތްކޮށްފައިވަނީ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުތަކާއި އިޚްތިޞާޞްތަކުގެ ދަށުން، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކާއި ނެރެފައިވާ އަމުރުތަކާއި ހަދާފައިވާ ޤަވާޢިދުތަކާއި ނިންމާފައިވާ ނިންމުންތަކަށްކަމާއި، ފަނޑިޔާރުން، އެބައި މީހުންނާ މަތިކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސްކަމަށްބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ މައްސަލައެއް ބަލައިގެން ތައުދީބީ ފިޔަވަޅެއް އެޅުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ކޯޓުގެ ނަންބަރު 2019/SC-SJ/03 ކޯޓު އަމުރުގެ ދަށުން، ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ކަމެއް ކަމަށް ކަނޑައަޅައި މިކަން ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކޮށްފައިވާކަމާއި، އެހެންކަމުން މި ދެންނެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަކީ ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) އާއި 77 ވަނަ މާއްދާގެ ދަށުން އެއަށް ޢަމަލުކުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންވެސް ހިމެނޭގޮތުން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އަފުރާދުންނާއި އެންމެހައި ފަރާތްތަކެއްގެ މައްޗަށްވެސް ލާޒިމުވެގެންވާ އަމުރެއް ކަމަށްވާތީ، ދެންނެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނޯޓިސްގައިވާ ކަންކަމަކީ ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ނަގައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލެވޭނެ މައްސަލަތަކެއް ނޫންކަމުގައި ދެކޭތީ، 
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނޯޓިސްގައި ބަޔާންކޮށްފައިވާ މައްސަލަތައް ތަޙުޤީޤުކުރުމުގެ ނަމުގައި ފޮނުވާފައިވާ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އަކީ އޭގެ ޒާތުގައި ބާޠިލް އަމުރެއްކަމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ދެކެވަޑައިގަންނަވާތީ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކުން ކުރާ ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" ގައި ބަޔާންކޮށްފައިވާ ތަޙުޤީޤަށް ޙާޟިރުވުމަށް އުޛުރުވެރިވެ ވަޑައިގަންނަވާކަމަށް މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަވައިފިއެވެ.
15 ރަބީޢުލްއައްވަލް 1441
12 ނޮވެންބަރު