ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރައްވައިފި

06 ނޮވެންބަރު 2019   ޢާއްމު , ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ޢައްޔަން ކުރައްވައިފި އެވެ. މި ބޭފުޅާ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 04 ނޮވެންބަރު 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލަށް ޢައްޔަންކުރެވުނު ފަނޑިޔާރަށް މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. މަޤާމުގެ ލިޔުން ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އެވެ.