އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓުސް ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވުން

05 ނޮވެންބަރު 2019   ޢާއްމު , ޚަބަރުތައް  

އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓުސް ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވުން

އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކުއިވެލަންޓް އިންސްޓިޓިއުޝަންސް (އޭ.އޭ.ސީ.ސީ.އީ.އައި) ގެ ދަޢުވަތު ޤަބޫލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ އެސޯޝިއޭޝަންގައި ބައިވެރިވެއްޖެއެވެ. އޭ.އޭ.ސީ.ސީ.އީ.އައި.ގެ މެންބަރުކަން އެ އެސޯސިއޭޝަންގެ ފަރާތުން ބަލައިގެންފައިވަނީ މި ނޮވެންބަރ މަހުގެ 3 އިން 8 އާާ ހަމައަށް ކުރިއަށްދާ "ދަ ތާރޑް އިންޑޮނީޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓު އިންޓަނޭޝަނަލް ސިންޕޯޒިއަމް 2019 (އައި.ސީ.ސީ.އައި.އެސް. 2019) ޝޯޓް ކޯސް އެންޑް ކޯލް ފޮރ ޕޭޕަރ" ގެ ތެރެއިން، 03 ނޮވެންބަރު 2019 ވަނަ ދުވަހު ކުރިއަށް ދިޔަ  އޭ.އޭ.ސީ.ސީ.އީ.އައި.ގެ ބޯޑް މެންބަރުންގެ ބައްދަލުވުމުގައި، އެ އެސޯސިއޭޝަންގެ މެންބަރު ހުރިހާ ޤައުމެއްގެ ތާއީދާއެކުއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން މި ބައްދަލުވުމަށް ހުށަހަޅަން ޖެހޭ ރިމާކްސް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ ބަދަލުގައި ހެޑް އޮފް ޑެލިގޭޝަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއެވެ.


މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދުސްތޫރީ މައްސަލަތައް ބެލުމުގައާއި، ވަކިން ޚާއްޞަކޮށް އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގައާއި ނެގެހެއްޓުމުގައި އޭ.އޭ.ސީ.ސީ.އީ.އައި.ގެ މެންބަރު ޤައުމުތަކުގެ ތަޖުރިބާތަކަކީ ދިވެހިރާއްޖެއިން ފިލާވަޅު ލިބިގަނެވޭނެ އަދި ރާއްޖެއަށް ފައިދާކުރާނެ ތަޖުރިބާތަކެއްކަމުގައި ފާހަގަކުރެއްވިއެވެ.


މީގެ އިތުރުން، 04 ނޮވެންބަރު 2019 ވަނަ ދުވަހު ކުރިއަށްދިޔަ އައި.ސީ.ސީ.އައި.އެސް. 2019 ގައިވެސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ކޮންފަރެންސްގެ މައުޟޫޢު "ކޮންސްޓިޓިއުޝަނަލް ކޯޓް އެންޑް ދަ ޕްރޮޓެކްޝަން އޮފް ސޯޝަލް އެންޑް އިކޮނޮމިކް ރައިޓްސް" އާ ގުޅިގެން، ދިވެހިރާއްޖޭގެ ދުސްތޫރުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ތަރުތީބުވެގެންވާ ގޮތާއި، އެޙައްޤުތައް މާނަކުރުމުގެ އުޞޫލުތަކުގެ މައްޗަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަލިއަޅުވާލެއްވިއެވެ.


އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ މިބައްދަލުވުންތަކުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަރާތުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އާއި އެސިސްޓެންޓް ލީގަލް އޮފިސަރ މަރްޔަމް ރައުޙާ އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ޙައްވާ މުޙައްމަދު ވަޙީދު އަދި ކޯޓު މާސްޓަރ އަޙްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.