ސުޕްރީމް ކޯޓުގެ ބައެއް ފޯމުތަކަށް ބަދަލުގެނެސްފި

12 އޮކްޓޯބަރ 2021   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ބައެއް ފޯމުތަކަށް ބަދަލުގެނެސްފި

ސުޕްރީމް ކޯޓުގެ ބައެއް ފޯމުތަކަށް މިއަދު ވަނީ ބަދަލު ގެނެވިފައެވެ. މި ބަދަލަކީ އަވަސްކަމާއި ހަލުވިކަމާއެކު ޢަދުލު އިންޞާފު ލިބިދިނުމަށް މަގު ފަހިކުރުމުގެގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ފިޔަވައި އެނޫން މައްސަލަތަކުގައި ޚަޞްމު ހާޒިރުނުވިކަމުގައިވިޔަސް، ޚަޞްމުގެ ފަރާތުން ކޯޓަށް ހާޒިރުވުމަށް ހަމަޖައްސާފައިވާ ފަރާތާއެކު މައްސަލަ ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ފޯމުތަކަށް ގެނެވުނު ބަދަލެކެވެ.

 މިގޮތުން ބަދަލު ގެނެވުނު ފޯމުތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1.     އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު (SC-03) – މި ފޯމަށް ގެނެވުނު މައިގަނޑު ބަދަލަކީ ކޯޓަށް ހާޒިރުވުމުގެ އަމުރު އަދި ލިޔުންތައް ފޮނުވަންވީ ފަރާތް އިޚްތިޔާރުމާއި، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގައި ކަންހިނގާފައިވާގޮތް (ސްޓޭޓްމަންޓް އޮފް ފެކްޓްސް) އާއި، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ މައްސަލައިގެ ފަސްފަހަތް (ކްރޮނޮލޮޖީ އޮފް ޕްރޮސީޑިންގްސް) ހިމެނުމަށް ބައިތަކެއް އިތުރުކުރުމެވެ. އަދި މީގެއިތުރުން، މައްސަލަ ހުށަހަޅާ ފޯމުގައި، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ މައްސަލަ ނިމިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ފެންނަ ނުކުތާތަކުގެ ތަފްސީލު ހިމަނާއިރު، އެ ނުކުތާއާ ގުޅިގެން ހައިކޯޓުން ނިންމާފައިވާ ގޮތް، އެ ނިންމުން ހިމަނާފައިވާ ޕެރެގްރާފް ނަންބަރު އަދި ޞަފްޙާ ނަންބަރު ޖެހުމަށާއި، އަދި ހުށަހަޅާފައިވާ ނުކުތާއަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ނުކުތާއެއް ފޯމުގައި ހިމަނާނަމަ، އެ ނުކުތާއެއް ހައިކޯޓަށް ހުށަހެޅުނުކަން އެނގޭނެ ލިޔުމަށް ޙަވާލާދޭންވާނެކަމަށް ފޯމުގައި އިރުޝާދު ދެވިފައިވާނެއެވެ.

2.     މައްސަލައިގެ ޖަވާބު ފޯމު (SC-08) – މި ފޯމަށް ގެނެވުނު މައިގަނޑު ބަދަލަކީ ކޯޓަށް ހާޒިރުވުމުގެ އަމުރު އަދި ލިޔުންތައް ފޮނުވަންވީ ފަރާތް އިޚްތިޔާރުމާއި، އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ކަންހިނގާފައިވާގޮތް (ސްޓޭޓްމަންޓް އޮފް ފެކްޓްސް) އާއި، މައްސަލައިގެ ފަސްފަހަތް (ކްރޮނޮލޮޖީ އޮފް ޕްރޮސީޑިންގްސް) ހިމެނުމަށް ބައިތަކެއް އިތުރުކުރުމެވެ. އަދި މީގެއިތުރުން، މައްސަލައިގެ ޖަވާބު ފޯމުގައި، މައްސަލަ ނިމިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ފެންނަ ނުކުތާތަކުގެ ޖަވާބު ލިޔާއިރު، ހައިކޯޓުގެ ނިންމުމަށް ޙަވާލާދޭނަމަ، އެ ނިންމުން ހިމަނާފައިވާ ޕެރެގްރާފް ނަންބަރު އަދި ޞަފްޙާ ނަންބަރު ޖަހަންވާނެކަމަށް ފޯމުގައި އިރުޝާދު ދެވިފައިވާނެއެވެ.

3.     ޖިނާއީ މައްސަލަތައް ފިޔަވައި އެނޫން މައްސަލަތަކުގައި ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސިކަމުގެ ލިޔުން (SC-12) – މި ފޯމަކީ މީގެކުރިން ބޭންކުރެވެމުންދިޔަ "ވަކީލު ހަމަޖެއްސިކަމުގެ ލިޔުން" އަދި "ބަދަލު ހަމަޖެއްސިކަމުގެ ލިޔުން" ގެ ބަދަލުގައި އެ ދެ ފޯމުގެ މަޤްޞަދު އެއް ފޯމަކުން ޙާޞިލުކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ. މި ފޯމު ފުރިހަމަކުރާނީ ޖިނާއީ މައްސަލަތައް ފިޔަވައި އެނޫން މައްސަލަތަކުގައި ޚަޞްމަކު ތަމްސީލުކުރާނެ ފަރާތެއް ހަމަޖައްސަން އެދޭނަމައެވެ. މިގޮތުން، ހަމަޖައްސާ ފަރާތަކީ ވަކީލަކުނަމަ، ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޤާނޫނީ ޝަޚްޞު ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސުމަށް އެދޭނަމަ، ޖިނާއީ މައްސަލަތައް ފިޔަވައި އެނޫން މައްސަލަތަކުގައި ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސިކަމުގެ ލިޔުން (SC-12) އާއެކު، ސުޕްރީމް ކޯޓުގެ ގަވާއިދު (2020) ގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.

4.     ޖިނާއީ މައްސަލަތަކުގައި ވަކީލު ހަމަޖެއްސިކަމުގެ ލިޔުން (SC-14) - މި ލިޔުން ފުރިހަމަކުރާނީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ ވަކީލަކު ހަމަޖައްސަން އެދޭނަމައެވެ. މިގޮތުން، ހަމަޖައްސާ ވަކީލަކީ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެއެވެ.

5.     ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު (SC-16) - މި ފޯމަށް ގެނެވުނު މައިގަނޑު ބަދަލަކީ އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ސަބަބު އިޚްތިޔާރު ކުރުމަށާއި، އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ނިންމުން ނުވަތަ ޙުކުމް ރަނގަޅުނޫންކަން ސާބިތުކުރުމަށް ހުށަހަޅާ ލިޔުންތަކާއި ހެކިތައް ލިސްޓްކުރުމަށް ބައެއް އިތުރުކުރުމެވެ. އަދި މީގެއިތުރުން، މައްސަލަ ހުށަހަޅާ ފޯމުގައި، ސަބަބުތަކުގެ ތަފުސީލު ލިޔާއިރު، އިޚްތިޔާރުކުރި ސަބަބަށް ބާރުލިބިދޭ ގޮތަށް ވަކިވަކި ނުކުތާތަކަށް ބަހައި، ޙަވާލާދޭން ފަސޭހަވާ ގޮތަށް ނަންބަރު ޖަހައި އެ ނުކުތާއަކާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތް، އެ ނިންމުން ހިމަނާފައިވާ ޕެރެގްރާފް ނަންބަރު އަދި ޞަފްޙާ ނަންބަރު ޖެހުމަށް މި ފޯމުގައި އިރުޝާދު ދެވިފައިވާނެއެވެ.

6.     ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާޠިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު (SC-17) މި ފޯމަށް ގެނެވުނު ބަދަލަކީ ސުޕްރީމް ކޯޓުގެ އިދާރީ ބޭނުމަށް ޚާއްޞަ ބައެއް އިތުރުކުރުމެވެ.

7.     ދައުލަތް ތަމްސީލުކުރާނެ ފަރާތެއް ހަމަޖެއްސިކަމުގެ ލިޔުން (SC-21) –މި ފޯމު ފުރިހަމަކުރާނީ ދައުލަތް ތަމްސީލުކުރުމަށް ބަންޑާރަނައިބުގެ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހާޒިރުވާނެ ފަރާތެއް ޢައްޔަންކުރުމަށެވެ. މި ފޯމަކީ އަލަށް ތަޢާރަފުކުރެވުނު ފޯމެކެވެ.

 

މި ބަދަލާ އެއްގޮތަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.