ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

30 މާރިޗު 2021   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ޢާއްމު ސިޓީތަކާއި ސަރކިއުލަރ އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.

#

އުވާލުމަށް ނިންމުނު ސަރކިއުލަރ، އަދި  ޢާއްމު ސިޓީތައް

1

ނަންބަރު 2011/01 ޢާއްމު ސިޓީ - ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމާބެހޭ ގޮތުން ނެރެފައިވާ ޢާއްމު ސިޓީ.

2

ނަންބަރު 2016/05/SC ސަރކިއުލަރ - ޖިނާއީ އެކިއެކި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރު ނެރުމާއި އަސާސީ ޙައްޤުތައް ކަށަވަރުކުރުމާއި ދައުލަތުގެ ޢާންމު ނިޒާމު ހިފެހެއްޓުމާބެހޭ ގޮތުން ނެރެފައިވާ ސަރކިއުލަރ.

3

ނަންބަރު 2015/10 ޢާއްމު ސިޓީ - ޑްރަގު ކޯޓުގައި ދަޢުވާ އުފުލިފައިވާ މީހަކީ، އެ ކޯޓުގެ އިޙްތިޞާޞް ހިނގާ މީހެއް ނޫން ކަމުގައިވާނަމަ، ނުވަތަ އެ ކޯޓުން ކަނޑައަޅާ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އޭނާ އިޢުތިރާޟުކުރާނަމަ، އެ ދަޢުވާ، އެ ކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅައި، ކަމުގެ އިޙްތިޞާޞް އޮތް އެހެން ކޯޓަކަށް އެ ދަޢުވާ ބަދަލުކުރަންވާނެކަމަށް ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ޑްރަގް ކޯޓުގައި ދަޢުވާ އުފުލޭ މައްސަލަތަކުގެ ތެރެއިން ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 61 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިޙްތިޞާޞް އޮތް ކޯޓަށް މައްސަލައިގެ ލިޔުންތަކާއެކު ފޮނުވައި، މައްސަލަ ތަޙްވީލުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/03/SC ސަރކިއުލަރގައިވާ ގޮތުގެމަތިން، އެ ކޯޓެއްގައި ޤަވާޢިދުން މައްސަލަ ކުރިއަށް ގެންދަންވާނެކަމަށް އަންގައި ނެރެފައިވާ  ޢާއްމު ސިޓީ.

4

ނަންބަރު 2016/06 ޢާއްމު ސިޓީ - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފުކުރުމާބެހޭ) ސަރކިއުލަރގައި ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގައި، ބަންދުން ނުވަތަ ހައްޔަރުން ދޫކޮށްލުމަށް ފުރަތަމަ މަރުޙަލާގެ ކޯޓުތަކުން ނެރޭ އަމުރުތައް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ އަމުރެއް ނެރޭތާ ރަސްމީ ބަންދު ދުވަސްތައް އުނިކޮށް، 48 ގަޑިއިރުގެ ތެރޭގައިކަމުގައި ދަންނަވައި ނެރެފައިވާ ޢާއްމު ސިޓީ.

 

5

ނަންބަރު 2018/02 ޢާއްމު ސިޓީ - ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު" އަށް 08 އޮގަސްޓު 2018 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާގޮތަށް ކަނޑައަޅާފައިވީނަމަވެސް، މިއަދުން ފެށިގެން 10 (ދިހައެއް) ދުވަސް ވަންދެން، "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު" ގައި ބަޔާންކުރާ ކަންކަން ކުރުމަށް ކޯޓުތަކަށް ހުށަހެޅޭ އެންމެހައި ފޯމުތައް މިހާރުވެސް ހުށަހެޅުމުންދާ ފޯމުތަކުން ހުށަހެޅުމުން، އެކަންކަން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކުން އެ ފޯމުތައް ބަލައިގަނެ ޤަވާޢިދުން ކުރިއަށް ގެންދިއުމަށް ދަންނަވައި ނެރެފައިވާ ޢާއްމު ސިޓީ.