ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ތަޢުޒިޔާ ވިދާޅުވެއްޖެ

07 ޖެނުއަރީ 2021   ޢާއްމު , ޚަބަރުތައް  

ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ތަޢުޒިޔާ ވިދާޅުވެއްޖެ

ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މިގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ޝަރުޢީ ދާއިރާއަށް އިޚްލާޞްތެރިކަމާއެކު ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފައިވާ ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުންހިތާމައާ އެކުގައިކަން ފާހަގަކުރައްވައި، އެ މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި، ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވައި، ޝަރުޢީދާއިރާގެ އެންމެހައި ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަންފުޅުގައި، އަދި އުއްތަމަ ފަނޑިޔާރުގެ އަމިއްލަ ނަންފުޅުގައި މަރްޙޫމުގެ ޢާއިލާއަށް އިޙްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

1960 ވަނަ އަހަރުގެ ޖަނަވަރީ 21 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަލްއުސްތާޛު މުޖުތާޒް ފަހުމީ ޝަރުއީ ދާއިރާއާ ގުޅިވަޑައިގެންނެވީ 1981 ވަނަ އަހަރުގެ އޮކްޓޫބަރު 18 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ގިނަ މަޤާމްތަކެއް ފުރުއްވާފައިވެއެވެ. އޭގެތެރޭގައި، ރަށު ކޯޓުގެ ޤާޟީ ކަމާއި،  ކޯޓު ނަންބަރު 02 އަދި ކޯޓު ނަންބަރު 03 ގެ ޤާޟީގެ އެހީތެރިޔާކަމާއި، ކޯޓު ނަންބަރު 2 ގެ ޤާޟީކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ.

 ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެމަނިކުފާނު ޢައްޔަންކުރެވުނީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު 18 ގައެވެ. އެދުވަހުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު "ޖަސްޓިސް ރިޓަޔަރޑް"ގެ ލަޤަބާއެކު ރިޓަޔަރކުރެއްވުމާ ހަމައަށް 28 އަހަރަށްވުރެ ދިގުމުއްތަކަށް ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވެއެވެ.

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒު ފަހުމީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ޝަރުޢީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވަނީ ނިންމަވާފައެވެ.