ސުޕްރީމް ކޯޓުގެ އައު ގަވާއިދު ޢާންމުކޮށްފި

08 އޮކްޓޫބަރު 2020   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ އައު ގަވާއިދު ޢާންމުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ގަވާއިދު މިއަދު ޢާންމުކޮށްފިއެވެ. މި ގަވާއިދަކީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމާއި، ސުޕްރީމް ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކާއި، ބޭއްވޭ އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ގަވާއިދެވެ. މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެންނެވެ.

އަލަށް ޢާންމު ކުރެވޭ ސުޕްރީމް ކޯޓުގެ ގަވާއިދާއެކު ކުރިން ސުޕްރީމް ކޯޓުން ޢަމަލުކުރަމުން އައިގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ސުޕްރީމް ކޯޓަށް ހުށަހެޅޭ ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާއީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް ހިމެނެއެވެ.

މީގެއިތުރުން، ކޯޓަށް ހާޒިރުވުމުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ރައްދުކުރުމާއި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޓެލެކޮންފަރެންސިންގ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ އުސޫލުތަކުގެ އިތުރުން، އައުހެކި ހުށަހެޅުމާއި ހެކިންނާއި ޚަބީރުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި މި ގަވާއިދުގެ ދަށުން ވަނީ އައު ފޯމުތަކެއްވެސް ތަޢާރަފު ކުރެވިފެވެ. މީގެތެރޭގައި ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމު، ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާޠިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު، މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމު، އަދި ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމު ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު 2020 ޑައުންލޯޑްކުރެއްވުމަށް