ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

08 ސެޕްޓެންބަަރު 2020   ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ދަފްތަރު. ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، އަދި ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޑޮކްޓަރ މުޙައްމަދު އިބްރާހީމް ޢައްޔަން ކުރައްވައިފި އެވެ. މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 08 ސެޕްޓެމްބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލަށް ޢައްޔަންކުރެވުނު ފަނޑިޔާރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އެވެ. މަޤާމުގެ ލިޔުން ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއް ސުޢޫދު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމް އެވެ.