ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދު ޢާންމުކޮށްފި

20 މޭ 2020   ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދު ޢާންމުކޮށްފި

ޞިއްޙީ ޚާއްޞަ ޙާލަތްތަކުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް މިއަދު ޢާންމުކޮށްފިއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ މައްސަލަތަކާއި މައްސަލަތަކާގުޅޭ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅާނެގޮތާއި، މައްސަލަ ރަޖިސްޓްރީކުރުމުގައި ޢަމަލުކުރެވޭނެގޮތާއި، މައްސަލައާގުޅޭ އިބްތިދާއީ ބައްދަލުވުންތައް ބާއްވައި މައްސަލައިގެ ލިޔެކިޔުންތައް ޚަޞްމުންގެ މެދުގައި ބަދަލުކޮށް، ލިޔެކިޔުމާއި ބަޔާންތަކުގައި ސޮއިކުރުމުގެ ކަންކަން އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކުރިއަށްގެންދާނެ ގޮތް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ޝަރީޢަތާގުޅިގެން ފޮނުވަންޖެހޭ ކޯޓު އަމުރު ފޮނުވޭނެގޮތާއި، ޝަރީޢަތުގެ މަޖިލީސްތައް އޮންލައިންކޮށް ކުރިއަށް ގެންދާނެގޮތާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމުގައި ޢަމަލުކުރެވޭނެގޮތުގެ އިތުރުން، ޝަރީޢަތާ ގުޅުންހުރި އެނޫންވެސް މުޢާމަލާތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދާނެގޮތް މި ގަވާއިދުގައި ހިމެނެއެވެ.
2020 މޭ 19 ވަނަ ދުވަހުން ފެށިގެން މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިގެންދާނެތީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްތައް ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުގައި ނުގުނާގޮތަށް އޮތްއޮތުން ނިމުމަކަށް އަންނާނެވެ. މިގޮތުން، 2020 ޖޫން 01 ވަނަ ދުވަހުން ފެށިގެން، ޢާންމުކޮށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސުޕްރީމް ކޯޓުގައި މައްސަލަތައް އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނަން ފެށޭނެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފޮނުވާނީ [email protected] އީ-މެއިލް އަށެވެ. ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް ކުރަމުންގެންދާނީ އީ-މެއިލް، ފޯނު އަދި އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްގެންނެވެ.
ކޮންމެހެން ކޯޓަށް ހާޒިރުވެގެން ނޫނީ ކުރިއަށް ގެންދެވެންނެތް ޝަރީޢަތްތައް ފިޔަވައި އެނޫން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓެލެކޮންފަރެންސިންގ ވަސީލަތެއް ކަމުގައިވާ Microsoft Teams މެދުވެރިކޮށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން ހުށަޅަންބޭނުންވާ ޝަކުވާއެއް އޮތްކަމުގައިވާނަމަ، އީ-މެއިލް މެދުވެރިކޮށް އެ ޝަކުވާއެއް ކޯޓަށް ހުށަހެޅޭނެއެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ފަދަ ލިޔެކިޔުންތައް ފޮނުވަމުންގެންދާނީ އީ-މެއިލް ނުވަތަ އެނޫންވެސް މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެންނެވެ.
މައްސަލަ ހުށަހެޅުމާބެހޭގޮތުން އެއްވެސް ކަމެއް އޮޅުން ފިލުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސުޕްރީމް ކޯޓުގެ ފޯނު ނަންބަރު 3007318 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ.