ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ޢައްޔަންކުރައްވައިފި

05 ސެޕްޓެންބަަރު 2019   ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ޢައްޔަން ކުރައްވައިފި އެވެ. ދެ ބޭފުޅުން ވެސް ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލަށް ޢައްޔަންކުރެވުނު ދެ ފަނޑިޔާރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. މަޤާމުގެ ލިޔުން ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އެވެ.