ދިވެހިރާއްޖެއަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިޒް އެކްސެލެންސީ ޑރ. ސަޢީދު މުޙައްމަދު ޢަލީ އައްޝަމްސީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

22 އޯގަސްޓް 2019   ޚަބަރުތައް  

ދިވެހިރާއްޖެއަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިޒް އެކްސެލެންސީ ޑރ. ސަޢީދު މުޙައްމަދު ޢަލީ އައްޝަމްސީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ދިވެހިރާއްޖެއަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިޒް އެކްސެލެންސީ ޑރ. ސަޢީދު މުޙައްމަދު ޢަލީ އައްޝަމްސީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ 22 އޮގަސްޓު 2019 ވަނަ ދުވަހު 10:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އެމްބެސެޑަރއާއެކު ބޭއްވުނު ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރު ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ބާރުގެ ނިޒާމު އެކުލެވިފައި އޮންނަ ގޮތާއި، ކޯޓުތަކާއި ކޯޓުތަކުގެ އިޚްތިޞާޞް ކަނޑައެޅިފައި އޮންނަ ގޮތާ ބެހޭގޮތުން އެމްބެސެޑަރއަށް މަޢުލޫމާތު ދެއްވިއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާ ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ.
އެމްބެސެޑަރގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޚާއްޞަ އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ޔޫ.އޭ.އީގެ ޢަދުލު އިންސާފުގެ ނިޒާމާ ބެހޭ މަޢުލޫމާތު ފަނޑިޔާރުންނާ ޙިއްޞާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، ޔޫ.އޭ.އީގެ ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަ ކުރުމާ ބެހޭގޮތުން އެމްބެސެޑަރާއި ފަނޑިޔާރުން މަޝްވަރާކުރެއްވިއިރު، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއިން ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ރާވާފައިވާ ޕްރޮގްރާތަކަށް ޔޫ.އޭ.އީގެ ޖުޑީޝަރީއާއި ޖުޑީޝަލް އެކަޑަމީގެ އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް އެމްބެސެޑަރ ވިދާޅުވިއެވެ.