މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަންކުރެވޭ މެޖިސްޓްރޭޓުން މަޤާމުގެ ހުވާ ކުރައްވައިފި

18 ސެޕްޓެންބަަރު 2017   ޚަބަރުތައް  

މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަންކުރެވޭ މެޖިސްޓްރޭޓުން މަޤާމުގެ ހުވާ ކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަނުކުރެވޭ މެޖިސްޓްރޭޓުން މަޤާމުގެ ހުވާ ކުރައްވައިފިއެވެ. މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަންކުރެވުނު މެޖިސްޓްރޭޓުންނަކީ، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ކ. ތުލުސްދޫ، އަލޭރު، އަލްއުސްތާޛާ މަރްޔަމް ނަޞްރާއާއި ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް ލ. އިސްދޫ، ބީޗްރެސްޓް، އަލްއުސްތާޛު ޢަލީ ޝަރީފްއާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަޤާމަށް ޅ. ކުރެންދޫ، ނޫރާނީގެ، އަލްއުސްތާޛު ސުލައިމާން މުޙައްމަދުއާއި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ގދ. ގައްދޫ، ހަނދުވަރީނާޒް، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲއާއި ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ގދ. ވާދޫ، ވަޑިގެ، އަލްއުސްތާޛު ލިމްޢާން މުޙައްމަދުއާއި ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަޤާމަށް ކ. ތުލުސްދޫ، ނޫރުވާދީ، އަލްއުސްތާޛު މުޙައްމަދު އިޙްސާންއާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަޤާމަށް ޏ. ފުވައްމުލައް، ފުނާޑު ކޯޒީ، އަލްއުސްތާޛާ ޙަދީޖާ ލީނާއެވެ.
މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޢައްޔަންކުރެވުނު ފަރާތްތަތަކަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރުއެވެ. އަދި ހުވާކުރެއްވި މެޖިސްޓްރޭޓުންނަށް ފަތްކޮޅު ޙަވާލުކޮށްދެއްވީ ދިވެރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފުއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އަދި މި ރަސްމިއްޔާތުގައި މަޤާމުގެ ހުވާކުރެއްވި މެޖިސްޓްރޭޓުންނާ މުޚާތަބުކުރައްވައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންގެ އިންޓެގްރިޓީއާއި ޖުޑީޝަލް ވެލިއުސް އަދި ރޫލް އޮފް ލޯ ނެގެހެއްޓުމާ ބެހޭގޮތުން އަލިއަޅުއްވާލެއްވިއެވެ. އަދި މި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު، މި ރަސްމިއްޔާތުގައި ހުއްވާކުރެއްވި މެޖިސްޓްރޭޓުންނާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ބައްދަލުކުރެއްވިއެވެ.