ސުޕްރީމް ކޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި

18 ސެޕްޓެންބަަރު 2009   ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފި

ސުޕްރީމް ކޯޓު އުފެދުނުތާ އެއް އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 2009 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ރޭ 21:00 ގައި ސުޕްރީމް ކޯޓުގައި ޙަފްލާއެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދެވެ.

ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޝަރީޢަތް ހިންގުމުގެ ބާރާއި އޭގެ އިންތިޒާމާއި ނިޒާމު، މީގެކުރީގައިވެސް އޮތީ ވަކިވެފައި ކަމަށާއި، ވެރިކަމުގެ ތެރޭގައި ދާދިފަހުން އަޅުގަނޑުމެން މިދުށް ފަދައިން މަސްހުނިވެ ލާމެހިފައެއް ނޫންކަމަށާއި، ރާއްޖޭގެ ސްޕްރީމް ކޯޓު އުފެއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ޚާއްޞަ މަޖިލިސްކަން ބަޔާންކުރައްވަމުން، މި ގޮތަށް މި ކޯޓު އުފެއްދެވުމަށާއި، ބާރުތައް ވަކިވެފައިވާ ޤާނޫނުއަސާސީއަކަށް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީ ހެއްދެވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި އެމަޖިލީހުގެ މެންބަރުންނަށް އަޅުގަނޑުމެން ނިހާޔަތަށް ޝުކުރުވެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. ޤާނޫނުއަސާސީ އިޞްލާޙުވަމުން އައިހިނދު، މި ރާއްޖޭގައި ބާރުތައް ވަކިވާން ޖެހިފައި އޮތް މިންވަރު އެންމެ ބޮޑަށް ސާފުވެގެން ދިޔައީ، ސްޕްރީމް ކޯޓު އުފެދުނު ދުވަހު، އެކޯޓުން އެތައް ކަމެއް ނިންމަން ޖެހިފައި އޮތުމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން މިޙަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިދުވަހަކީ ދިވެހިރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުގެ އަހަރީދުވަސްކަމަށްވުމާއެކު މިއީ ވަރަށް އުފާވެރި ދުވަހެއްކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚުގައި 2008 ސެޕްޓެމްބަރު 18 ވަނަ ދުވަހަކީ ފާހަގަކުރެވޭ ޚާއްޞަ ދުވަހެއްކަމަށާއި، އެހެނީ އެހެން ކުރިއަރާފައިވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގެ ސުޕްރީމް ކޯޓުގެ މަފްހޫމާ އެއްގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނު ދުވަސްކަމަށްވާތީކަމަށާއި، އަދި ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް ޢަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެ މަތީ ކޯޓެއްގެ ގޮތުގައި އޮތީ ދެވަނަ މަރުޙަލާގެ ކޯޓެއްކަމަށްވާ ހައިކޯޓު ކަމުގައި ވިދާޅުވިއެވެ. އަދި ޤާނޫނުއަސާސީގައިވާ ގޮތުން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ފަރުދުންގެ އަސާސީ އަދި މަދަނީ ޙައްޤުތައް ކަނޑައެޅުމުގައި އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަމަށާއި، ޤާނޫނުއަސާސީއާ ޤާނޫނު މާނަކުރާ އެންމެ މަތީ ފަރާތަކީވެސް ސުޕްރީމް ކޯޓު ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާގެ ތާރީޚަށް އަލިއަޅުވާލައްވާ އެމަނިކުފާނު ވިދާޅުވީ، ދިވެހި ތާރީޚުގެ އަންޒަމާނަށް ބަލާލާއިރުވެސް މިނިވަން ޢަދުލު އިންސާފުގެ ދާއިރާއެއް އޮތްކަން އެނގޭކަމަށާއި، އަދި އެޒަމާނުގައިވެސް އިސްލާމީ ޝަރީޢަތާއި ތަޢާރުޟުނުވާ ޢާދަކާދައަށްވެސް ޢަމަލުކުރިކަން އެނގޭކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ގިނަ ޕާޓީތަކެއް ހިމެނޭ ގޮތަށް ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބާ ގުޅިގެން ހުށަހެޅުނު މައްސަލަތައް ސުޕްރީމް ކޯޓުން ބަލާ، ފުރިހަމަ ދިމިޤްރާތީ އިންތިޚާބެއް ބޭއްވުމަށް ސުޕްރީމް ކޯޓުން އެހީތެރިވެދީފައިވާކަމަށާއި، އަދި ޢަދުލު އިންސާފުގެ ބާރުން ކުރަންޖެހޭ މަޝްވަރާތައްކުރުމަށާއި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައްކުރުމާއި، ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، ކޯޓުތަކުގެ އެންމެހައި ކަންތައްތައް ރައްކާތެރިކުރުމަށް ޖުޑީޝަލް ކައުންސިލެއް އުފައްދަވާފައިވާކަމަށާއި، ޢަދުލު އިންސާފަށް ފަސޭހަކަމާއެކު ވާޞިލުވެވޭނެ މަގު ފަހިކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ އިޖުރާއާތުތައް ކަނޑައަޅާފައިވާކަމުގައިވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ހަމައެހެންމެ، ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަސައްކަތްކޮށްފައިވަނީ ދެފުށްފެންނަ ގޮތަށްކަމަށާއި، މިނިވަން ޑިމޮކްރަސީއެއް ޤާއިމްކުުރުމުގައި މައި އެއް ތަނބަކީ މިނިވަން މުސްތަޤިއްލު ޖުޑީޝަރީއެއް ކަމުގައިވެސް އެމަނިކުފާނުވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބާ ޝަރަފުވެރިކޮށްދެއްވިކަމަށްޓަކައި އެޙަފްލާގައި ރައީސުލްޖުމްހޫރިއްޔާއަށް ދުވަހުގެ ހަނދާނުގައި ފިލައެއް އެރުވުނެވެ. އަދި މީގެ އިތުރުން ސުޕްރީމް ކޯޓާބެހޭ ގޮތުން ތައްޔާރުކުރެވިފައިވާ ވީޑިއޯއެއްވެސް މިޙަފްލާގައި ދައްކާފައިވެއެވެ.