ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ޤަތަރު ލޯ ފޯރަމުގެ ދަޢުވަތަކަށް އެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި

29 މޭ 2009   ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ޤަތަރު ލޯ ފޯރަމުގެ ދަޢުވަތަކަށް އެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެދުނު 09:30 ގައި ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޤަތަރު ލޯ ފޯރަމުގެ ދަޢުވަތަކަށް އެ ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މެއި 29 އިން 31 އަށް އޮންނަ މިފޯރަމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ޤާނޫނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިފޯރަމުގެ މަޤްސަދަކީ ރޫލް އޮފް ލޯއާއި ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށް މުޅި ދުނިޔެ ހިފާފައިވާ އަހްދު ކަށަވަރުކޮށްދިނުމާއި މެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާ ބަހުސްކުރުމެވެ. މި ފޯރަމުގައި ޝަރީޢަތް ހިންގުމާއި ޢަދުލު އިންސާފުގެ ދާއިރާ ތަރައްޤީކުރުން، ވިޔަފާރިއާއި މަދަނީ މުއާމަލާތުގައި އުފެދޭ ޚިލާފްތައް ހައްލުކުރުމުގައި އެންމެ ފަހުގެ ވަޞީލަތްތައް ބޭނުންކުރުން، ބަދަލުވަމުން އަންނަ ދުނިޔެއެއްގައި ޤާނޫނުގެ ތަޢުލީމް ކުރިއެރުވުން، އަދި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޤާނޫނުގެ ދައުރު ފަދަ މުހިއްމު މައުޟޫތަކަށް ބަހުސްކުރުން ހިމެނެއެވެ.
ރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ އެއްބާރުލުމާބެހޭގޮތުން މިފޯރަމުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ ޤައުމުތަކުގެ އިސްބޭފުޅުންނާ އެކު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަޝްވަރާކުރައްވާނެއެވެ.